އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް 47 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ. މި ބިލު ބަލައިގަތުމާމެދު ވަކިފަރާތަކަށް ވޯޓް ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު އިއްނެވިއެވެ.
މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 4 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 22 އޭޕްރިލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

8 ރަޖަބު 1436
27 އޭޕްރީލް 2015