ިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް، ގެނެވުނު އިޞްލާޙާއެކު ފާސްކުރައްވައިފިއެވެ.
މިގޮތުން، މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އައްސަވާފައިވަނީ ބިލުގެ ރިޕޯޓް ކުރުމުގެ މަރުހަލާގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ތާއިދުކުރެއްވި އިޞްލާޙަށެވެ. މި އިޞްލާޙު ފާސްކުރައްވާފައިވަނީ 46 މެންބަރުންގެ ޢިއްތިފާގުންނެވެ.
އެއަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް، ގެންނެވި އިޞްލާޙާއެކު ބިލު ފާސްކުރައްވާފައިވަނީ 46 މެންބަރުންގެ ޢިއްތިފާގުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހަޅުއްވައިދެއްވީ އެވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 7 އޭޕްރީލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ. އަދި 13 އޭޕްރީލް 2015 ވީ ހޯމަދުވަހު ބޭއްވުނު ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި މިބިލު ދިރާސާކުރެއްވުމަށްވަނީ މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވިފައެވެ.

3 ރަޖަބު 1436
22 އޭޕްރީލް 2015