ޖަލްސާކުރިއަށް ގެންދެވޭ މިންވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިގެން މެދުކަނޑާލި ޖަލްސާ ނުބާއްވާގޮތަށް ނިންމަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާ ވެސް މަޖިލީހުގެ ރައީސް ފެއްޓެވުމާއިއެކު ގިނަ މެންބަރުންތަކެއް ނިޒާމާބެހޭ މައްސަލަތައް ނަންގަވާ މަޖިލީހުގެ ރައީސަށް ޖަލްސާކުރިއަށް ގެންދެވޭ ވަރަށްވުރެ ބޮޑަށް ޖަލްސާގެ ނިޒާމް ގެއްލުމުން މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ) ގެ 4 ގެ ދަށުން ހެނދުނު 9:23ގައި ޖަލްސާވަނީ ރިޔާސަތުން މެދުކަޑުއްވާލައްވާފައެވެ. މިގޮތަށް މަޖިލީހުގެ ރައީސް ޖަލްސާ މެދުކަނޑުއްވާލެއްވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ފަދަ މާޙައުލެއް ޤާއިމްކުރެވޭތޯ ބެއްލެވުމުގެ ގޮތުންނެވެ. ނަމަވެސް މިކަމުގައި މަޖިލީހުގެ ރައީސް ކުރެއްވި މަސައްކަތުން އެފަދަ މާޙައުލެއް ޤާއިމް ކުރެވޭގޮތް އަދި ފެނިފައިނުވާތީ، މަޖިލީހުގެ ރައީސް މިހާރުވަނީ އެކަމާގުޅޭ ގޮތުން ނޫސް ބަޔާނެއް ނެރުއްވާ، މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންދަވާގޮތަށް ހަމަޖައްސަވާފައެވެ.

މިއަދުގެ ޖަލްސާގައި އިޢްޒަތެރި މެންބަރުން ނިޒާމާބެހޭ މައްސަލަތައް ނަންގަވަން ފެއްޓެވުމުން މަޖިލީހުގެ ރައީސްވަނީ،  ނިޒާމާ ބެހޭ މައްސަލަ އަށް އަޅުގަނޑުމެން މިހެން ވާހަކަ ދައްކަދައްކާ މިކަން ކުރިއަށް ގެންދާނީތޯ ނުވަތަ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލާޒިމުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މިއަދުގެ އެޖެންޑާގައި ހުރި ކަންތައްތައް ނިންމުމައިގެން ކުރިއަށް ދާނީތޯ ސުވާލުުކުރައްވާފައެވެ. އަދި މިއަދުގެ އެޖެންޑާގައި ޤާނޫނުއަސާސީން ލާޒިމުކޮށްގެން ނިންމަންޖެހޭ މަސައްކަތްތައް އެބަހުރިކަމަށާއި، އެ ކަންތައްތަކަށް ފުރުޞަތު ދެއްވާނީތޯ ނުވަތަ ނިޒާމާ ބެހޭ ނުކުތާ ނަގައިގެން އަޅުގަނޑުމެންގެ ވަގުތު މި ގޮތަށް ހޭދަކުރުން އެއީކީ މަޖިލީހުގެ ވަގުތު އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވެނީ ކަމަށް ރިޔާސަތުން ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހުރިކަންކަމަށް އިޝާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޤާނޫނުއަސާސީން ލާޒިމުކުރާ ބިލުތަކާއި އެކިއެކި ޤާނޫނުގެ ދަށުން ޢައްޔަން ކުރަންޖެހޭ މަޤާމްތަކަށާއި ބޯޑުތަކަށް ބޭފުޅުން ޢައްޔަން ކުރުމުގެ މައްސަލަތައްވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާކަމުގައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލުގެ ކޮމެޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތް ކުރެއްވުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ ކަމަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލްއާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްއާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަންކުރެއްވުމުގެ މައްސަލައާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނުގައި ބުނާ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމުގެ މައްސަލަވެސް އެޖެންޑާ ކުރެވިފައިވާ ކަމުގައި ރިޔާސަތުން ވިދާޅުވިއެވެ.

62 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.