“ދޯހާ އެމެންޑްމަންޓް” އަށް ދިވެހިރާއްޖެއިން އަމަލުކުރުމަށް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ގައިވާ ގޮތުގެ މަތިން “ދޯހާ އެމެންޑްމަންޓް” އަށް ދިވެހިރާއްޖެއިން އަމަލުކުރުމުގެ މައްސަލަ 46 މެންބަރުންގެ އިއްތިފާޤުން ފާސްވެއްޖެއެވެ.
މި މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅާދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއެވެ.
މި މައްސަލަ ދިރާސާ ކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 18 މާރިޗް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައިވަނީ ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.

24 ޖުމާދަލްއާޚިރާ 1436
13 އޭޕްރީލް 2015