ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް 49 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެއް މެންބަރަކު ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 7 އޭޕްރިލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

24 ޖުމާދަލްއާޚިރާ 1436
13 އޭޕްރީލް 2015