އ.ދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިސްޓރ ހައޮލިއާންގ ޒޫ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC0026 މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އ.ދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ އެންޑް ޑިރެކްޓަރ ފޯރ ދަ ރީޖަނަލް ބިއުރޯ ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް، މިސްޓަރ ހައޮލިއާންގ ޒޫ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީސް ހިނގަމުންދާ ގޮތުގެ މަޢްލޫމާތު އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްއަށް މަޖިލީހުގެ ރައީސް ދެއްވިއެވެ. އަދި ޔޫ.އެން.ގެ އެކި އިދާރާތަކުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީއާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި ތަރައްޤީގެ މަގުގައި ރާއްޖެ އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކުރިމަގުގައި ތަރައްޤީގެ ލަނޑުދަނޑިތައް ބައްޓަންކުރުމުގައި ސަމާލުކަން ދިނުން މުހިންމު ބައެއްކަންކަން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ސެކްރެޓަރީޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޙަންމަދު އާއި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ އާއި، ޑެޕިއުޓީ ސެކްރެޓަރީޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ނިއުޝާ އާއި ހެޑް، ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލް ޙަމީދު ޒަކަރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިސްޓަރ ހައޮލިއާންގ ޒޫގެ އަރިހުގައި ބައިވެރިވެ ވަޑައިގަތީ އ.ދ.ގެ ރެޒިޑެންޓް ކޯރޑިނޭޓަރ މިސް ޝޯކޯ ނޯޑާ އާއި އެސިސްޓަންޓް ރެޕްރެޒެންޓެޓިވް / ގަވަރނަންސް އަލްފާޟިލާ ޢާއިޝަތު ރިޒްނާއެވެ.

23 ޖުމާދަލްއާޚިރާ 1436
12 އޭޕްރީލް 2015