ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުތައް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9) އަށް އިޞްލާޙު ގެނައުމުގެ ބިލުތައް ފާސްކުރައްވައިފިއެވެ. މި ދެ ބިލަކީ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ހުށަހަޅުއްވާފައިވާ ބިލާއި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ ބިލެވެ. މި ދެ ބިލު ދިރާސާކުރައްވާ ޤައުމީ ސަލާމަތުގެ ކޮމިޓީއިން ހުށަހެޅުއްވި ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރެއްވީ 43 މެންބަރުންގެ އަޢްލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ އެއް މެންބަރެވެ.
މި ބިލުތައް ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާދެއްވީ ކޮމިޓީގެ މެންބަރެއްކަމުގައިވާ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާންއެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިތުން އިއްވާފައިވަނީ 25 މާރިޗް 2015 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައެވެ. އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިތުން އިއްވާފައިވަނީ 23 މާރިޗް 2015 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.
މި ދެ ބިލު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައިވަނީ 30 މާރިޗް 2015 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 އޭޕްރިލް 2015 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

23 ޖުމާދަލްއާޚިރާ 1436
12 އޭޕްރީލް 2015