މަޖިލީހުގެ ރައީސްގެ ބަޔާން

މިއަދު، 5 ޖުލައި 2010 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާ މަޖިލީހުގެ ރިޔާސަތުން މެދުކަނޑާލީ މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ) ގެ 4 ގެ ދަށުން ޖަލްސާކުރިއަށް ގެންދެވޭ މިންވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިއްލިޖެކަމަށް ފެނުމުންނެވެ. އެގޮތުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލަމުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމުގައި އަޅުގަނޑުވާނީ ދަންނަވާފައެވެ. އަޅުގަނޑު ބަލަމުންމިދަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދެވޭ ފަދަ މާޙައުލެއް ޤާއިމްކުރެވޭތޯއެވެ. މިގޮތުން ކުރި މަސައްކަތުން އެފަދަ މާޙައުލެއް ޤާއިމް ކުރެވޭގޮތް އަދި ފެނިފައިނުވާތީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އަޅުގަނޑު މަޝްވަރާކޮށް ޙައްލެއް ހޯދުމަށް މިދަނީ އަދިވެސް މަސައްކަތްކުރަމުންނެވެ. އެހެންކަމުން މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންދާގޮތަށް ހަމަޖައްސައި މިވަގުތަށް މެދުކަނޑާލި ވާހަކަ ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ހުރިހާ މެންބަރުންވެސް      މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރިޔާސަތުން ކުރަމުންގެންދާ މަސައްކަތައް އެއްބާރުލެއްވުން ދެއްވުންއެދެމެވެ. އަދި މިވަގުތު ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމުގެ ޤާބިލުކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި އެބަހުރިކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.