ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ފަރާތުން، މީޑިއާގެ ފަރާތްތަކާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކުގެ ފަރާތުން، މީޑިއާގެ _DSC0199ފަރާތްތަކާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި މަޖިލީހުގައި ނޫސްވެރިން މަސައްކަތް ކުރުމުގައި ހުރި ދަތިތަކާގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރައްވާ ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން، މިބައްދަލުކުރެއްވުމަކީ ވަރަށް ކާމިޔާބު ބައްދަލުކުރެއްވުމެއްކަމަށް ފާހަގަކުރައްވާ، މީޑިއާގެ ބޭފުޅުން ހިއްސާކުރެއްވި މަޢުލޫމާތަށާއި، ހޭދަކޮށްދެއްވި ވަގުތުކޮޅަށް މަޖިލީހުގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މީޑިއާގެ ފަރާތުން ރާއްޖޭގެ ޓެލެވިޜަންނާއި، ރޭޑިއޯ ސްޓޭޝަން، ދުވަހުނޫހާއި އޮންލައިން މީޑިއާގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

17 ޖުމާދަލްއާޚިރު 1436
6 އޭޕްރީލް 2015