ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހެޅުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއްގެ މައްސަލަ، އެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު އަލްފާޟިލް ޝުޖާޢު ޙުސައިންގެ ސުލޫކީ މައްސަލަތައް ހުންނާތީކަމަށް ބުނެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ، އެކޮމިޓީން ބައްލަވައި ނިންމަވާފައިވާގޮތަށް، އަލްފާޟިލް ޟުޖާޢު ޙުސައިން އެ މަޤާމުން ވަކިކުރުމަށް ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.
އެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިރިޕޯޓަށް 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 މާރިޗު 2015 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

4 ޖުމާދަލްއާޚިރު 1436
24 މާރިޗު 2015