ދިވެހިރާއްޖޭގެ ކުޅިވަރު ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރު ބިލު، ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަނެ، އިޖްތިމާޢީ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް 18 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 މާރިޗު 2015 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

26 ޖުމާދަލްއޫލާ 1436
17 މާރިޗު 2015