މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ހ. މާބަނޑޭރިއާގެ އަލްފާޟިލް އަޙްމަދު ޘުހޫރުގެ ނަންފުޅު ދިރާސާކުރެއްވުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް، ހ. މާބަނޑޭރިއާގެ އަލްފާޟިލް އަޙްމަދު ޘުހޫރު 10 މާރިޗު 2015 ގައި ޢައްޔަންކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވަނީ ވަޒީރުންގެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ.

25 ޖުމާދަލްއޫލާ 1436
16 މާރިޗު 2015