ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، 6 މައްސަލައެއް އެމައްސަލައަކާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން، 6 މައްސަލައެއް އެމައްސަލައަކާ ގުޅޭ ދާއިމީ ކޮމިޓީއަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ފޮނުއްވައިފިއެވެ.
މިގޮތުން، 4 މައްސަލައެއްވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ. އެއީ، 20 ޖެނުއަރީ 2015 ވީ އަންގާރަ ދުވަހު، ހ.ރާޅާހާ، މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ހުށަހަޅުއްވާފައިވާ މައްސަލައާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ފިރިހެން ކުދިންނާއި އަންހެން ކުދިން، އެކުދިންގެ އުމުރުން 18 އަހަރު ފުރެންދެން އެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާގޮތަށް އެ މިނިސްޓްރީގެ މަސައްކަތްތަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލައާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނާއި، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން “ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން” ގެ ކަންކަން 21 ޖަނަވަރީ 2015 އިން ފެށިގެން ހިންގައި ބަލަހައްޓާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ އާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރާއްޖޭގައި ހިންގާ ސްކޫލްތަކާއި މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ހަރަކާތްތައް މޮނިޓަރކޮށް އެ ތަންތަނުން ދޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ހިފަހައްޓާތޯބަލައި ކަށަވަރުކުރުމުގެ ގޮތުން “ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް” ގެ ނަމުގައި އިދާރާއެއް 24 ފެބުރުވަރީ 2015 ގައި އުފައްދައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، އިސްލާމިކް ރިޕަބްލިކް އޮފް ފާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، މ.މާހުރާ އަލްފާޟިލް އަޙްމަދު ސަލީމް ޢައްޔަންކުރުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ފޮނުއްވާފައިވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށެވެ.
އަދި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު 24 ނޮވެންބަރު 2014 ގެ ނިޔަލަށް ހަމަވެފައިވާތީ އެ މަޤާމަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް މިއަދުގެ ޖަލްސާގައިވަނީ ފޮނުއްވާފައެވެ.

12 ޖުމާދަލްއޫލާ 1436
3 މާރިޗު 2015