ދިވެހިރާއްޖޭހެ ބޭންކިންގއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

_DSC0661މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2010/24) އަށް އިސްލާޙު ގެނައުމުގެ ބިލު 57 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވަނީ 3 މެންބަރުންނެވެ.

މި ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލުއެވެ. އިޤްތިޞާދީ ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވާފައިވަނީ 21 އޮކްޓޯބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 19 އޯގަސްޓް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.

3 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރ 2014