ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވި ގޮތަށް ފާސްކުރައްވައިފި

_DSC4053 މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31)  އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ 49 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރަކު ވޯޓުދެއްވާފައިވެެއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ. މިއަދުގެ ޖަލްސާގައި، މިރިޕޯޓަށް 11 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ނޮވެންބަރ 2014ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ  ދައުރުގެ 14 ވަނަ ޖަލްސާގައެވެ. އަދި 26 ނޮވެންބަރ 2014 ވީ ބުދަަދުވަހު ބޭއްވުނު ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި މިބިލު ދިރާސާކުރެއްވުމަށްވަނީ މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވިފައެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައިވަނީ، މިބިލު އިތުރަށް ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓއަށް ފޮނުއްވިއެވެ. އަދި އެ ކޮމިޓީން ބިލު ދިރާސާކުރައްވައި ނިންމަވާފައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 11 ޑިސެންބަރ 2014 ވީ ބުރާސްފަތިދުވަހުއެވެ. މިގޮތުން، 15 ޑިސެންބަރު 2014 ގައި ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގެ 6 ވަނަ ބައްލުވުމުގައި މިބިލުގެ މަސައްކަތް ނިންމެވިއެވެ.

 

24 ޞަފަރު 1436

16 ޑިސެންބަރު 2014