މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/17) އަށް އިޞްލާޙު ގެނައުމުގު ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި 7 އިޞްލާޙާއެކު ފާސްކުރައްވައިފިއެވެ.
މި ބިލަށް ހުށަހެޅުނު އިޞްލާޙުތަކާއެކު ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރަކު ވޯޓުދެއްވާފައިރު، 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ. މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 19 ނޮވެންބަރު 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
23 ޞަފަރު 1436
15 ޑިސެންބަރު 2014