ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ފޮނުވާފައިވާ މައްސަލަ މަޖިލީހުން ފާސްކުރައްވައިފ

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫންއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމުގައިވާ އަލްއުސްތާޛް އަޙުމަދު ފާއިޒް ހުސައިން އަދި އަލްއުސްތާޛް އަޙުމަދު މުޢުތަސިމް އަދުނާނު މަޤާމުން ވަކިކުރުމާ ބެހޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ 3/2 ގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި ގޮތަށް ފާސްކުރެއްވުމަށް 53 މެންބަރުން ވޯޓް ދެއްވާފައިވާ އިރު 21 މެންބަރުން މިގޮތަށް ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި ވަކިގޮތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓް ދެއްވީ 1 މެންބަރެކެވެ.

މި މައްސަލައަށް ކަނޑައެޅުއްވި ބަހުސް ވަގުތުގައި 10 މެންބަރަކު ވާހަކަދެއްކަވާފައިވެއެވެ.