ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/6) އަށް އިޞްލާޙު ގެނައުމުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާހާއިއެކު، ފާސްކުރައްވައިފިއެވެ.

މިބިލުގެ ރިޕޯޓް މަރުހަލާގައި ބިލަށް ހުށަހެޅުއްވި އިޞްލާޙުވަނީ 62 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވާފައެވެ. އަދި މިއިޞްލާޙާއެކު ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު 66 މެންބަރުންގެ ޢިއްތިފާޤުން މިއަދުގެ ޖަލްސާގައި ފާސްކުރެއްވިއެވެ.

މިބިލު،މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ. މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 5 އޯގަސްޓް 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

2 ޞަފަރު 1436

24 ނޮވެމްބަރ 2014