އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ހ. އާހަމަ އަލްފާޟިލް ޙަސަން ޒިޔާތު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށް ފާސްކުރައްވައިފި

_DSC4167މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ހ. އާހަމަ އަލްފާޟިލް ޙަސަން ޒިޔާތު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށް 59 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ. އަދި އެއް މެންބަރަކު ވަކި ފަރާތަކަށް ވޯޓު ދެއްވާފައެއްނުވެއެވެ.

ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) އަށް ފުރަތަމަ އިޞްލާޙު ގެނައުމާގުޅިގެން އެ ޤާނޫނުގެ 2 ވަނަ ނަންބަރުގެ (ރ) ގައިވާ ގޮތުގެ މަތިން،  އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރެއްވި ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ. މިރިޕޯޓަށް އެއް މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

2 ޞަފަރު 1436

24 ނޮވެމްބަރ 2014