މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާ ގައި، ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.
މިބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 63 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާ އިރު، ވަކި ފަރާތަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވިއެވެ.
މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޤްތިސާދީ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 6 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
2 ޞަފަރު 1436
24 ނޮވެމްބަރ 2014