ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ “މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.
މުޅި މަޖިލީހުގެ ކޮމިޓީން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައި ދެއްވީ މުޅި މަޖިލީހުގެ ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ. އަދި، ދެވަނަ ކިޔުމުގެ ރިޕޯޓް މަރުހަލާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް މިބިލަށް ހުށަހެޅުއްވި އިޞްލާޙު 70 މެންބަރުންގެ ޢިއްތިފާޤުން ފާސްވިއެވެ. މަޖިލީހުން ގެންނެވި މިއިޞްލާޙާއެކު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު 72 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރެއްވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 27 އޮކްޓޯބަރ 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. އަދި މިބިލު، ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިފައިވަނީ 10 ނޮވެމްބަރ 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.