މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު ނަންބަރު ދރ 5831، އާދަމް ސަޢީދު މޫސާ އައްޔަނުކުރެއްވުމަށް ރުހުން ދެއްވައިފިއެވެ.
މި ނަންފުޅަށް ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 62 މެންބަރުންނެވެ. ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ޢައްޔަނުކުރުމަށްޓަކައި ފުލުހުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/5) ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދު ހުށަހަޅުއްވައިދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދައިރާގެ މެންބަރު ޢަލީ ސަލީމެވެ. މިރިޕޯޓަށް 2 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
26 މުޙައްރަމް 1436
19 ނޮވެންބަރ 2014