މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުގެ ވަފްދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ 2015 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުންނާއި ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ސެކެރެޓެރީ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޙަންމަދުއާއި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާއާއި ހެޑް ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލް ޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.
އައި. އެމް. އެފް. ގެ ވަފުދުގެ ވެރިއަކަށް ހުންނެވި މިސް އެލިސަން ސްޓުއާރޓްގެ އަރިހުގައި ބައިވެރިވެ ވަޑައިގަތީ ދިވެހި ރާއްޖެއާއި ސްރީލަންކާއަށް ހުންނަވާ އައި. އެމް. އެފް. ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސް އެޓޭރީ ކްވިންޓްރާޒްއާއި އައި. އެމް. އެފް. ގެ ސީނިއަރ އިކޮނޮމިސްޓް މިސްޓަރ ކިރްތިސިރީ ރާޖަތާ ވިޖެވީރާއެވެ.
23 މުޙައްރަމް 1436
16 ނޮވެމްބަރ 2014