ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ އޮފިސަރުންގެގޮތުގައި އައްޔަންކުރަންޖެހޭ ކައުންސެލް ޖެނެރަލްގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައި އޭނާގެ މަގާމުގެ އަހުދުގައި މިއަދު ހެނދުނު 10:35 ގައި ސޮއިކުރައްވައިފިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފަހަރަށް އައްޔަނުކުރެއްވި ކައުންސެލް ޖެނެރަލްގެ މަގާމަށް ހަމަޖެހުނު ބޭފުޅަކީ ސ. ހިތަދޫ ކޯޒީރައުންޑު (މއ. ޝޭޑީކެބިން) ޑރ. އަޙްމަދު އަބްދުﷲ ދީދީއެވެ. މީނާ މިމަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ނަގަންޖެހޭ ވޯޓު ނެގުންވަނީ އިއްޔެ މަޖިލީހުގެ ޖަލްސާގައި ބޭއްވިފައެވެ. މިމަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅިފައިވީއިރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ހޮވިވަޑައިގެންނެވީ 60 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ.

ޑރ. އަޙްމަދު އަބްދުﷲ ދީދީއަކީ ގާނޫނީ ރޮގުން ޕީ.އެޗް.ޑީ ހާޞިލްކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ ބާރާއި ބެހޭގޮތުން މާސްޓާރސް ތީސިސް ލިއުއްވަވާފައިވާ ބޭފުޅެކެވެ. މަޖިލީހުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާގޮތުން ކައުންސެލް ޖެނެރަލްގެ މަސްއޫލިއްޔަތަކީ މަޖިލީހަށް ގާނޫނީ ލަފާދީ ގާނޫނީގޮތުން މަޖިލިސް ތަމްސީލްކުރަންޖެހޭ ޙާލަތްތަކުގައި މަޖިލިސްތަމްސީލްކުރުމެވެ.

ކައުންސެލް ޖެނެރަލްކަމުގެ މަގާމަށް ޑރ. އަޙްމަދު އަބްދުﷲ ދީދީ މިއަދު ހަމަޖެހުމާއި ވިދިގެން އޭނާއަށްވަނީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެފައެވެ. އަދި މަޖިލީހަށް ޚިދުމަތްކުރުމަށްޓަކައި މިއަދު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރައްވަން ފައްޓަވާފައެވެ.