2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރެއްވުމުގައި މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ 02 ވަނަ ބައްދަލުވުމުގައި ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރެއްވުމުގައި މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވުމަށް ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އަދި ބަޖެޓާއިގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާއިރު، މެންބަރުން ބޭނުންފުޅުވެއްޖެ ހިނދެއްގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކަމާބެހޭ ބޭފުޅުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުކުރާގޮތަށްވެސް ނިންމެވިއެވެ. މީގެ އިތުރުން، 2015 ވަނަ ދައުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ، އެ މުއައްސަސާތަކަށް ޤާނޫނީގޮތުން ކުރުމަށް ލާޒިމްކުރާ ކަންތައްތައް ފުރިހަމަ ކުރެވޭނެވަރުގެ ބަޖެޓެއްތޯ އާއި އަދި މިހިނގާ 2014 ވަނަ އަހަރުގެ ބަޖެޓު ޚަރަދުކޮށްފައިވަނީ މުއައްސަސާތަކުގެ މަޤްޞަދު ހާޞިލްވާގޮތަށްތޯ އާއި ބަޖެޓް ކޮމިޓީއަށް އެ މުއައްސަސާތަކުން އިތުރަށް ދޭން ބޭނުންވާ މައުލޫމާތެއް ވާނަމަ އެ މަޢުލޫމާތުތައް ސާފުކުރެއްވުމަށް އެ މުއައްސަސާތަކަށް ލިޔުމުން ފޮނުއްވުމަށާއި، އެ މަޢުލޫމާތުތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ބައްދަލުކުރައްވަން ފެނިވަޑައިގަންނަވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު،މަޑުއްވަރީ ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދުމަނިކު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ތ.ގުރައިދޫ ދާއިރާގެ މެންބަރު ހުސައިންމަނިކު ދޮންމަނިކު، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވަޑައިގެންނެވިއެވެ.

 

 

16 މުޙައްރަމް 1436

9 ނޮވެމްބަރ 2014