2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވަވައިފިއެވެ. މިގޮތުން، ކޮމިޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން، ކޮމިޓީގެ މުޤައްރިރުކަމަށް ހޮއްވަވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ. އަދި ނައިބު މުޤައްރިރު ކަމަށް ހޮއްވަވާފައިވަނީ ކޮމިޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފުއެވެ.

އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވި ކޮމިޓީއިން ޢަމަލުކުރެއްވި ހިންގާ ގަވާއިދަށް ޢަމަލުކުރުމަށް އެވަގުތު ކޮމިޓީއަށް ހާޒިރު ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

އަދި މީގެއިތުރުން، 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރެއްވުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ ޑްރާފްޓް ތާވަލާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، މަޖިލީހުގެ ގަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަޖެޓް ކޮމިޓީގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 01 ޑިސެމްބަރ 2014 ކަމުގައި ކޮމިޓީން ނިންމެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަޖެޓް ދިރާސާކުރައްވާ ކޮމިޓީ އެކުލެވިގެންވަނީ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ މެންބަރުން ހިމެނިވަޑއިގަންނަވާ ގޮތަށެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، މަޑުއްވަރީ ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދުމަނިކު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ތ.ގުރައިދޫ ދާއިރާގެ މެންބަރު ހުސައިންމަނިކު ދޮންމަނިކު، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމްއެވެ.

 

12 މުޙައްރަމް 1436

5 ނޮވެމްބަރ 2014