މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، ގ.އުފާ، އަލްފާޟިލް އަޙްމަދު މުޙައްމަދު އައްޔަނުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
މިގޮތުން އައްޔަނުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 58 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާ ގޮތަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.
ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އެވެ. މި ރިޕޯޓަށް 2 މެންބަރަކު ބަހުސްކުރައްވާފައިވެއެވެ.
ގ.އުފާ، އަލްފާޟިލް އަޙްމަދު މުޙައްމަދުގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައިވަނީ 13 އޮކްޓޯބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 އޮކްޓޯބަރ 2014 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
3 މުޙައްރަމް 1436
27 އޮކްޓޯބަރ 2014