7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު އުވާލުމުގެ ބިލު ފާސްކޮށްފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ ގައި 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު (    ޤާނޫނު ނަންބަރު 78/5) އުވާލުމުގެ ބިލު ފާސްކޮށްފިއެވެ.

މިބިލު ފާސްކުރައްވާފައިވަނީ 54 މެންބަރުންގެ އިއްތިފާޤުންނެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު އިއްވަވައިދެއްވީ ޤައުމީ ސަލާމަތު ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް 2 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މި ބިލު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމަށްޓަކައެވެ.

27 ޛުލްޙިއްޖާ 1435

21 އޮކްޓޯބަރ 2014