އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ މަޤާމަށް، މެންބަރުން ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ މަޤާމުގެ މުއްދަތު 24 ނޮވެންބަރު 2014 ގެ ނިޔަލަށް ހަމަވާތީ އެ 2 މަޤާމަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/8) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން،  ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ތިން ނަންފުޅަކީ ބ.އޭދަފުށި / ހަތިމާ އަލްފާޟިލް އާސިމް ޢަބްދުއްސައްތާރު، ނ.ވެލިދޫ / އާހިޔާ އަލްފާޟިލް އާއިޝަތު ޙަފީޘް އަދި ގއ. މާމެންދޫ / އަލިވާގެ އަލްފާޟިލް އަމްޖަދު މުޞްޠަފާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކުއެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޯބަރ 2014