ޝަރީޢަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއް ދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ނެގުމާބެހޭ ޤާނޫނު އުވާލުމުގެ ބިލު ފާސްކުރައްވައިފި

_DSC3625ޝަރީޢަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއް ދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 77/6) އުވާލުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްގެ ކޮމިޓީން ނިންމެވިގޮތަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި 4 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ ނައިބު މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފު އެވެ. މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 21 ޖުލައި 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 އޮކްޓޯބަރ 2014 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޯބަރ 2014