ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ)ގެ ދަށުން 172 އިޞްލާޙަކާއި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 43 އިޞްލާޙެއް ހުށަހަޅާފައިވެއެވެ. އަދި 83 ވަނަ މާއްދާގެ (ނ)ގެ ދަށުން 39 އިޞްލާޙެއް ހުށަހަޅާފައިވެއެވެ. އަދި އިޞްލާޙްތަކަށްފަހު މި ބިލަށް 20 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖަލްސާގެ ވަގުތު އިތުރުކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 15 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ވިލިމާލެދާއިރާގެ މެންބަރު އަޙުމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 6 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 އޯގަސްޓް 2014 ވާ ބުދަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

30 ޝައްވާލް 1435

26 އޮގަސްޓް 2014