މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ 1 ގެ ބައްދަލުވުމެއް ބާއްވައިފި

ދައުލަތުގެ މުއައްސަސާތަކުގެ މާލީ ކަންކަމާ ބެހޭ ހިސާބުތަކާއި ލިޔެކިޔުންތަކާއި އެހެނިހެން ރެކޯޑްތައް ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓައި، ރައްކާތެރިކަމާއެކު ދެމެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، ވަރުގަދަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުއްވައިދެއްވުން ހުރި ފިޔަވަޅުތައް އަޅުއްވައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މީގެ އިތުރުން، މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓް ޑިޕާޓްމެންޓްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ސާލިޙް ހާޒިރުވެވަޑައިގެންނެވިއެވެ.