ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ކޮމިޓީއަށް ފޮނުއްވި ބިލުތަކަށާއި ޤަރާރަށް ވަގުތު ކަނޑައެޅުއްވުން ކުރިއަށް ގެންދަވައިފި

މިރޭ ބޭއްވުނު ޢާންމު ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ކޮމިޓީއަށް ފޮނުއްވި ބިލުތަކަށާއި ޤަރާރަށް ވަގުތު ކަނޑައެޅުއްވުން ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން، ސަރުކާރުގެ ފަރާތުން، ކެލާދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް(ޤާނޫނު ނަންބަރު 2010\24)  އިޞްލާޙު ގެނައުމުގެ ބިލު، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 2006\3)  އިޞްލާޙު ގެނައުމުގެ ބިލަށް ދެގަޑިއުރު ކަނޑައަޅުއްވާފައިވެއެވެ. އަދި، މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ޤަރާރާއި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރަށްވެސް 2 ގަޑިއިރު ކަނޑައަޅުއްވާފައިވެއެވެ.

ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން އަދި ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް ވަޑައިގެންނެވިއެވެ.