ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/2009) އަށް އިސްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/2009) އަށް އިސްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވައިފިއެވެ.

މިބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި، ބިލު ހުށަހެޅުއްވި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވިދާޅުވީ، ބިލު އަނބުރާ ގެންދަވަނީ، ބިލަށް ގެންނަންޖެހޭ އިސްލާޙު ގެނައުމަށްފަހު ދެން އަންނަ ދައުރުގައި ބިލު ހުށައަޅުއްވަންކަމަށެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ތ. ހިރިލަންދޫގެ ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއާ ކުރައްވާ ސުވާލުގެ ބައި މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ.

29 ޝައްވާލް 1435

25 އޮގަސްޓް 2014