އިޤްތިޞާދީ ކޮމިޓީން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލުގެ ސުންގަޑި އާއި ގުޅޭގޮތުން މަޝްވަރާކުއްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު( ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙުގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން، 06 އޯގަސްޓް 2014 ވަނަ ދުވަހު ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ނިންމަވާނެ ސުންގަޑިއެއް ކަމުގައި 22 އޯގަސްޓް 2014 ހަމަޖައްސަވާ، އެބިލު އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވާތީ، ބިލު ދިރާސާކުރެއްވުމުގެ ގޮތުން ކޮމިޓީން ބޭނުންފުޅުވާ މަޢުލޫމާތު ހޯދާ، ބިލު ދިރާސާކުރައްވާ ނިންމެވުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީން މިބިލު ނިންމަވާނެ ތާރީޚެއް ކަމުގައި ކަނޑައަޅުއްވާފައިވާ ތާރީޚު އިތުރު ކޮށްދެއްވުމަށް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ކޮމިޓީގެ ބައްދަލުވުމުގައި، އޮޑިޓް ޤާނޫނު( ޤާނޫނު ނަންބަރު 2007/4) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުން ކުރިއަށް ގެންދެވިއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދުދީދީ، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު،  ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަޑައިގެންނެވިއެވެ.

22 ޝައްވާލު 1435

19 އޮގަސްޓް 2014