ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު މ.ކުރޮޅި، އަލްފާޟިލް އާދަމް ޒާހިރު އެމަގާމަށް އައްޔަނުކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

_CHR5844މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ފުލުހުންގެ ޤާނޫނުގެ )ޤާނޫނު ނަންބަރު 2008/5( 22 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ފޮނުއްވާފައިވާ ނަންފުޅު މ.ކުރޮޅި، އަލްފާޟިލް އާދަމް ޒާހިރު، އެމަގާމަށް އައްޔަނުކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މ.ކުރޮޅި، އަލްފާޟިލް އާދަމް ޒާހިރު އައްޔަނުކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 61 މެންބަރުންނެވެ. އައްޔަނުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް 5 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މ.ކުރޮޅި، އަލްފާޟިލް އާދަމް ޒާހިރުގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައިވަނީ 1 ޖުލައި 2014 ގައި ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ރިޕޯޓަށް 1 މެންބަރަކު ބަހުސް ކުރައްވާފައިވެއެވެ.

16 ޝައްވާލް 1435

12 އޮގަސްޓް 2014