ސްޕެޝަލް އިކޮނޮމިކް ޒޯން ބިލުގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ އަށް ވަނަ އަދި ނުވަ ވަނަ ބައްދަލުވުމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯންބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ. މިގޮތުން، ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ އިޞްލާޙުތައް ހުށަހެޅުއްވުމަށްފަހު، މިބިލުގެ 5 ވަނަ މާއްދާއިން ފެށިގެން 21 ވަނަ މާއްދާއަށް މެންބަރުން މަޝްވަރާކުރެއްވިއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙަންމަދު، މަޑުއްވަރި ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދުމަނިކު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢިލް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަޑައިގެންނެވިއެވެ.

15 ޝައްވާލު 1435

11 އޮގަސްޓް 2014