މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގެ 1 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގެ 1 ވަނަ ބައްދަލުވުމުގައި، ސަބް-ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވިއެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ހޮވިވަޑައިގަތީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. އަދި ނައިބު މުޤައްރިރުގެ މަޤާމަށް ހޮވިވަޑައިގަތީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި މުޢައްސަސާތަކުގެ މާލީ ކަންކަމާ ބެހޭ ހިސާބުތަކާއި ލިޔެކިޔުންތަކާއި އެހެނިހެން ރެކޯޑްތައް ގަވައިދުތަކާ އެއްގޮތަށް ބަލަހައްޓާ ރައްކާތެރިކަމާއެކު ދެމެހެއްޓުމުގެ ނިޒާމް ހަރުދަނާ ކުރުމަށް މަޖިލީހުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާދެއްވުން އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީ ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

4 މެންބަރުގެ މި ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ސާލިޙް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމްއެވެ.

15 ޝައްވާލް 1435

11 އޮގަސްޓް 2014