ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި

_CHR8057މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު )ޤާނޫނު ނަންބަރު 2000/2( އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ 72 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

މި ބިލަށް މިއަދު 5 މެންބަރުން ބަހުސްކުރައްވާފައިވާއިރު ޖުމްލަ 28 މެންބަރުން މި ބިލަށް ބަހުސް ކުރައްވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.

15 ޝައްވާލް 1435

11 އޮގަސްޓް 2014