ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

_CHR7085މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/6) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 62 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 5 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިފައެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 އޯގަސްޓް 2014 ވާ ބުދަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

9 ޝައްވާލު 1435

5 އޯގަސްޓު 2014