މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

_CHR8065މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 58 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މިބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ލ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. އެ އިޞްލާޙަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ވިއްކާ ފްލެޓާއި ގޯއްޗާއި ޢިމާރާތްތައް ޖީ.އެސް.ޓީ. ނެގުމުން އިސްތިސްނާކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ. މިގޮތުން މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

9 ޝައްވާލު 1435

5 އޯގަސްޓު 2014