ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

_CHR2499މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/5) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 50 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން  ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 31 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މި ބިލަކީ ޤާނޫނުއަސާސީއަށް 2008 ވަނަ އަހަރު ޢަމަލުކުރަން ފެށިއިރު ޢަމަލުކުރެވެމުންދިޔަ ޤާނޫނުތަކުގައިވާ ކަންތައްތަކުގެ ތެރެއިން ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ބިލުތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ. މިގޮތުން މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ.

9 ޝައްވާލު 1435

5 އޯގަސްޓު 2014