މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު އުވާލުމުގެ ބިލުގެ ބަހުސްގެ މަރުހަލާ ނިންމަވާލައްވައިފި

_CHR7317މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާ ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 8 މެންބަރުން މި ބިލަށް ބަހުސްކުރައްވާފައިވެއެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ލ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. އެ އިޞްލާޙަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ވިއްކާ ފްލެޓާއި ގޯއްޗާއި ޢިމާރާތްތައް ޖީ.އެސް.ޓީ. ނެގުމުން އިސްތިސްނާކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ. މިގޮތުން މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

މީގެއިތުރުން ނުނިމިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ    ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު (ޤާނޫނު ނަންބަރު 78/5) އުވާލުމުގެ ބިލުގެ ބަހުސް މަރުހަލާ ނިންމަވާލައްވާފައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މި ބިލު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމަށްޓަކައެވެ.

4 އޯގަސްޓު 2014