މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ފޮނުއްވާފައިވާ ދެ މައްސަލައަކާއި މެދު މާލިއްޔަތު ކޮމިޓީއިން މަޝްވަރާކުރައްވައިފި

_CHR9456މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ފޮނުއްވާފައިވާ ދެ މައްސަލައަކާއި މެދު މާލިއްޔަތު ކޮމިޓީއިން މަޝްވަރާކުރެއްވިއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުން މުސާރައާއި އިނާޔަތް ކަނޑައަޅަންޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކުގެ ރިޕޯޓްގެ 3.2 ގައި ކަނޑައަޅުއްވާފައިވާ ފޯނު އެލަވަންސް ލިބޭ މުސްތަޤިއްލު މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލްއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހިމެނޭކަމަށް ބަލައިގެން އެއުސޫލުން ފޯނު އެލަވަންސް ދިނުމާމެދު ލަފާފުޅަކަށް އެދި އެ އޮތޯރިޓީ އިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވިއެވެ. އަދި މަޖިލީހުން އައްޔަނު ކުރައްވާ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ތެރެއިން ޓްރައިބިއުނަލްގެ މެންބަރުންނަށް ހެލްތް އިންޝުއަރެންސް ހަމަޖައްސަވާފައިނުވާތީ، އަވަސް މުއްދަތެއްގެ ތެރޭގައި ހެލްތު އިންޝުއަރެންސް ހަމަޖައްސަވައިދެއްވުން އެދި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ފޮނުއްވާފައިވާ ސިޓީއާއި މެދު ވެސް މެންބަރުން މަޝްވަރާކުރެއްވިއެވެ.

މި ދެ މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި ހޮއްވެވި ސަބް ކޮމިޓީއަށް ފޮނުއްވުމަށް، ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެއްވިއެވެ. މި ސަބް ކޮމިޓީގެ މަސައްކަތް ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުންވަނީ ފާސްކުރައްވާފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަޑައިގެންނެވިއެވެ.

24 ޖުލައި 2014