މިއަދު ބޭއްވެވި އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ އާންމު ބައްދަލުވުމުގައި، ޙާޒިރުވެވަޑައިގެންނެވި 48 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓުދެއްވައިގެން އެގްޒެކެޓިވް ކޮމިޓީއަށް ހޮވިވަޑައިގެންނެވި މެންބަރުންނަކީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު، ގަމު ދާއިރާ މެންބަރު ފައްޔާޒް އިސްމާއީލް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މަޢުރޫފުއެވެ.
ކޮމިޓީގެ ޚަޒާންދާރުގެ މަޤާމަށް ހޮވިވަޑައިގަތީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމްއެވެ.
އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު، މަޤާމުގެ ހައިސިއްޔަތުން އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސެވެ. އަދި އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، މަޤާމުގެ ހައިސިއްޔަތުން އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ އެގްޒެކްޓިވް ކޮމިޓީގެ ނައިބު ރައީސެވެ.
މީގެ އިތުރުން އައި.ޕީ.ޔޫގެ ދިވެހިރާއްޖޭގެ ގޮފީގެ ގަވައިދުގެ 8 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙަންމަދު، މަޤާމުގެ ހައިސިއްޔަތުން އައި.ޕީ.ޔޫ.ގެ ދިވެހިރާއްޖޭގެ ގޮފީގެ ސެކްރެޓަރީ ޖެނެރަލެވެ.
އައި.ޕީ.ޔޫ ނުވަތަ އިންޓަރ-ޕާލަމެންޓްރީ ޔޫނިއަންއަކީ، ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކަށް ނިސްބަތްވާ ބައިންއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވެފައިވަނީ 4 ނޮވެމްބަރ 2004 ގައި މަޖިލީހުން ފާސްކުރެއްވި ޤަރާރަކުންނެވެ.
21 ޖުލައި 2014