އިޖްތިމާޢީ ކޮމިޓީގެ 3 ވަނަ ބައްދަލުވުން ބާއްވަވައިފި

_CHR5053

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން   2003 ގެ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ރިވިއު ކުރައްވަމުން ގެންދަވާތީ އެކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރެއްވުމުގެ ގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ކޮމޓީގެ މެންބަރުންނާއި އެކު މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

އެގޮތުން މި މަސް ނިމުމުގެ ކުރިން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޕޮޒިޝަން ޕޭޕަރ ކޮމިޓީއަށް ހިއްސާ ކުރައްވާނެ ކަމުގައި އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

ޓްރާސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ އެޑްވޮކަސީ މެނޭޖަރ އައިމަން ރަޝީދު، ސީނިޔަރ ޕްރޮޖެކްޓް ކޯރޑިނޭޓަރ ޝާޒިޔާ ޢަލީ، ޕްރޮޖްކްޓް ކޯޑިނޭޓަރ އަޙުމަދު މުޙަންމަދު، ލޯކަލް ލީގަލް ކޮންސަލްޓަންޓް ޙުސެއިން ޝަމީމް އަދި އިންޓާރން އައިމިނަތު ސާނީ ނަސީރުއެވެ.

ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު މިއަދު ހާޒިރުވެވަޑައިނުގަންނަވާތީ، މިއަދުގެ ބައްދަލުވުން ކުރިއަށްގެންދެވީ ނައިބު މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމްއެވެ.

މީގެ އިތުރުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޡްމާން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

16 ޖުލައި 2014