ޗައިނީޒް އެގްޒިމް ބޭންކުން ނަގާ ލޯނުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓްގެ ތެރެއިން 704 ހައުސިންގ ޔުނިޓު ހުޅުމާލޭގައި ޢިމާރާތްކުރުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.
މި ގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 38 މެންބަރުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 31 މެންބަރުންނެވެ.
މި މައްސަލައަކީ 29 ޑިސެމްބަރ 2013 ގައި ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުން އަދިވެސް އެއްފަހަރު މުރާޖަޢާކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެކެވެ. މިމައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވިފައިވަނީ 1 ޖުލައި 2014 ގައެވެ.
މާލިއްޔަތު ކޮމިޓީން ނިންމަވާފައިވަނީ ދެކުނުގެ 4 އަތޮޅުގައި 796 ޔުނިޓް ޢިމާރާތްކުރުމަށްފަހު ބާކީވާ 704 ޔުނިޓު ހުޅުމާލޭގައި ޢިމާރާތްކުރުމަކީ އެންމެ ރަނގަޅުގޮތެއް ކަމަށް 17 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމަވާފައިވާތީ، 18 ވަނަ މަޖިލީހުގެ މި ކޮމެޓީއިން 17 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށެވެ.
މި ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/8) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ޖުމްލަ 14 މެންބަރުން މިބިލަށް ބަހުސްކުރައްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 ޖުލައި 2014 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
18 ރަމަޟާން 1435
16 ޖުލައި 2014