ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

_CHR4631ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/9) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ “ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދުމެ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާ ބަޔަކަށް ވާންޖެހޭތީއާއި އަދި މަޤާމު އަދާކުރެއްވި ދުވަސްވަރާއި އަދި މަޤާމުން އިސްތިއުފާ ދެއްވުމަށްފަހުވެސް ކުށުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާންޖެހޭތީވެ އެކަން ކަށަވަރު ކުރުމުގެ ގޮތުންނާއި އެފަދަ ފަރާތްތަކަށް ޙިމާޔަތް ދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޖިނާއި ކުށަކަށް އަރައިގަންނަން ނުޖެހޭފަދަ ގޮތަށް ހަމަޖެއްސުމުގެ ގޮތުން” ކަމަށް ބަޔާންކުރައްވައެވެ.

މި ބިލުގައި 4 އިޞްލާޙެއް ހިމެނިފައިވެއެވެ.

16 ޖުލައި 2014