އިޤްތިޞާދީ ކަންކަމުގެ ކޮމިޓީން “ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު” ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑި 10 އޮކްޓޯބަރު ކަމުގައި ކަނޑައެޅުއްވައިފި

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންގޮސްފައިވަނީ ކޮމިޓީއަށް އައިސްފައިވާ “ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު” ކޮމިޓީން ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން ސުންގަޑިއެއްކަމުގައި 10 އޮކްޓޯބަރ 2014 ނިންމެވިއެވެ.

ބިލު ނިންމަވާނެ ސުންގަޑި ކަނޑައެޅުއްވުމަށްފަހު، ދެން ކުރިއަށް ގެންދެވީ މިބިލަށް ކަމާބެހޭ ފަރާތްތަކުން ކޮމެންޓް ހޯދުމަށްޓަކައި ސިޓީ ފޮނުއްވާނެ ފަރާތްތައް ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މޯލްޑިވްސް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރ، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބޯޓް ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ފިޝަމެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ސިޓީ ކައުންސިލްތަކަށް ސިޓީފޮނުއްވުމަށް ނިންމެވިއެވެ.

އަދި ޙިޔާލުފޮނުވުމުގެ މުއްދަތެއް ކަމުގައި ހުރިހާ އިދާރާއަކަށްވެސް ގިނަވެގެން 20 ދުވަސް ދިނުމަށާއި އަދި ބިލު ދިރާސާކުރެއްވުމުގެ މުއްދަތުގައި އިތުރު ފަރާތެއްގެ ޙިޔާލު  ހޯދަން ބޭނުންވެއްޖެ ޙާލަތެއްގައި، އެފަރާތަކަށްވެސް ސިޓީ ފޮނުވުމުގެ ފުރުޞަތު އޮންނަގޮތަށް ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲޚަލީލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދު މަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

15 ޖުލައި 2014