ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު އުވާލުމުގެ ބިލު ފާސްކުރައްވައިފި

_CHR4544ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 90/7) އުވާލުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްގެ ކޮމިޓީން ނިންމެވިގޮތަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ވަނަ ޖަލްސާގައެވެ.

މި ބިލު ސަރުކާރުން ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 90/7 އަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމާބެހޭ ޤާނޫނެއް ކަމުގައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ މިހާރު އޮންނަ މަޖިލީހެއް ކަމުގައިނުވާތީ، މި ޤާނޫނަކީ މިހާރު ޢަމަލުކުރުން މުހިންމު ޤާނޫނެއް ކަމަށް ނުފެންނާތީއެވެ.

މިއަދުގެ ޖަލްސާގައި ޗައިނީޒް އެގްޒިމް ބޭންކުން ނަގާ ލޯނުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓްގެ ތެރެއިން 704 ހައުސިންގ ޔުނިޓު ހުޅުމާލޭގައި ޢިމާރާތްކުރުމާބެހޭ ގޮތުން 29 ޑިސެމްބަރ 2013 ގައި ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުން އަދިވެސް އެއްފަހަރު މުރާޖަޢާކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ބަހުސްކުރައްވާފައިވެއެވެ. މި ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އެވެ. މިރިޕޯޓަށް، މަޖިލީހުގައި ތަމްޞީލްކުރައްވާ ކޮންމެ ޕާޓީއަކުން މެންބަރަކު އަކި ވަކިޕާޓީއަށް ނިސްބަތްވެވަޑައިގެންނުވާ މެންބަރަކު 5 މިނެޓްގެ ވަގުތުކޮޅަށް ބަހުސްކުރެއްވުމަށް ވަގުތު އަރުވައި ތިން ވަނަ ކިޔުން އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ޖުލައި 2014 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

17 ރަމަޟާން 1435

15 ޖުލައި 2014